އޭޕްރިލް 28, 2025

ފަނޑިޔާރު އަލީ ރަޝީދު ޝަރީއަތަށް ވަޑައިނުގެން ”ޓެކްސީ“ ކުރަން އުޅުނު ކަމަށް ބުނެ ޖޭއެސްސީއަށް

ރަސްމީ ގަޑީގައި ”ޓެކްސީ ކުރައްވަން“ އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އުފުލަން ”ޓެކްސީ ކުރަން“ އުޅުއްވި ކަމަށެވެ. އަދި އެއީ އެ ދުވަހުގެ އަޑުއެހުން ގަސްތުގައި ލަސްކުރުމުގެ ބޭނުމުގައި ކުރެއްވި ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ވަޑައިގަތީ، އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި ހުސްނުއްސުއޫދުގެ އިތުރުން މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށެވެ.

އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅި އިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލަ އެވެ.

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ.