މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ ކަމަށް

އެމްޑީޕީގެ އަންހެހެން އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައި، މި ވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމް ކުރަން ޖާގަ ދިނުމަށް އިލްތިމާސް ކުރައްވައިފި އެވެ.

އެމްޑީޕީން މިހާރު ކުރަމުންދާ ސިލްސިލްލާ މުޒާހަރާ ނިންމުމަށް ފަހު ރޭ ސައިކަލްގައި ގެޔަށް ދިޔަ މަގުމަތީގައި، މަންދީ އަށް ކަޅުތެލުގެ ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ތިބި ބަޔަކު ދަންވަރު 1:07 ހާއިރު ކަލާފާނު ހިނގުމުންނެވެ. މާންދީ ތުހުމަތުކުރާ ގޮތުގައި ކަޅުތެޔޮ ޖެހުމުގެ އަޑީގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެޑަމް ސާޖިދާ އެވެ.

ފަސްޓް ލޭޑީ އެެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ހަމަލާތަކާއި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އަދި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާއިރު، ރައީސްދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި މަންދީގެ މައްޗަށް ދައުވާކުރަން އާއިލާ އިން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު ރައީސްގެ އާއިލާ އިން އެކަން ދޮގު ކުރައްވަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސްގެ އާއިލާގެ ގާނޫނީ ޓީމޫން މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ޝުކުރޫ ވަނީ މެޑަމް ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވައިފައެވެ.

އެ ބަޔާނުގައި ސާޖިދާ ވިދާޅުވެފައިވަނީ ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދެ އެވެ. އޭގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގުބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާތީ އެ މައްސަލާގައި މަންދީ އަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އެއީ މަންމައެއްގެ ހައިސިއްޔަތުން އަޅުއްވަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.