ރަސްމާލެ ބިން ހިއްކަން ފައިސާ ދޭ ބަޔަކަށް ބަދަލުގައި ރަށެއް/ ފަޅެއް ދޭން ނިންމައިފި

ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް/ ފަޅެއް ދޭ އުސޫލުން ރަސްމާލެ ބިން ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ކްރޮސް ސަބްސިޑީ އުސޫލުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދާއެކު މިއަދު ނެރުއްވި ގަރާރުގައެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައިވާ ގޮތުން ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 77 މިލިއަން ދިވެހި ރުފިޔާ އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި އަވަށެއް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023ގަ އެވެ. އެ މަސައްކަތް ފައްޓަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެ މަސައްކަތް ކުރަން ސަރުކާރުން ފުރަތަމަ ނިންމީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށެވެ. އެގޮތުން އެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސްރީ ލަންކާގެ ސީއެމްސީސީއާ އެވެ. އެއީ އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭ ގޮތަށެވެ.

ނަމަވެސް ރައީސް އިއުލާން ކުރެއްވި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުނީ ރަސްމާލޭގެ އެންމެ ސައިޓެކެވެ. އެހެންވެ ސީއެމްސީސީ އާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި އެވެ. އެހިސާބުން މަޝްރޫއުގެ މަސައްކަތް ދިގު މުއްދަތަކަށް މެދުކެނޑުނެވެ.

އެހެންވެ މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު އަށް މަސް ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތު މި މާޗު މަހުގެ 26 އަށް ހަމަވާނެ އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ފެބްރުއަރީ މަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މި އަހަރު ރަސްމާލޭގެ ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

އެ މަޝްރޫއުއަށް ފައިސާ ދޭ ބަޔަކަށް ބަދަލުގައި ރަށެއް/ ފަޅެއް ދޭ ގޮތަށް ރައީސް ނިންމެވި އިރު، އެންމެ ފަހުން ހެދި އީއައިއޭގައި ބުނެފައިވާ ގޮތުން އެ މަޝްރޫއު އަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ.