ސަރުކާރުން ހަރަދު ކުޑަކޮށް، 1.3 ބިލިއަން ރުފިޔާ ސަލާމަތްކޮށްފި!

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ---

މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ހަރަދުކުރި ވަރު ވަރަށް ބޮޑުތަނުން ދަށްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 7.8 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 1.3 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުތައް ވަނީ 6.3 ބިލިއަން ރުފިޔާ އިން 6.1 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ނަމަވެސް ބައެއް ހަރަދުތަކަށް ފާހަގަކޮށްލެވޭ ވަރުގެ އިތުރުވުމެއް އައިސްފައިވެ އެވެ.

އެގޮތުން މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް ކުރި ހަރަދުތައް ވަނީ 2.2 ބިލިއަން ރުފިޔާ އިން 2.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާސަންދައިގެ ހަރަދުތައް ވަނީ 402 މިލިއަން ރުފިޔާ އިން 534 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ކެޕިޓަލް ހަރަދުތަކަށް ކުރި ހަރަދަށް ބަލާއިރު 1.6 ބިލިއަން ރުފިޔާއިން 429 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ.