ސްކޫލްތަކުގެ ކިޔެވުން ފެށުނުއިރު 12 ސްކޫލަކުން 24 ޓީޗަރުން ހޯދަން އިއުލާންކޮށްފައި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ބައެއް ސްކޫލްތަކަށް ޓީޗަރުން ހަމަނުވާތީ ޓީޗަރުން ހޯދަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައިހުރި މައުލޫމާތުތަކުން އެނގޭ ގޮތުން ފާއިތުވި ތިން ދުވަހު މާލޭ ސަރަަަހައްދުގެ ސްކޫލްތަކުންނާއި ރަށްރަށު ސްކޫލްތަށް ހިމެނޭހެން ޖުމްލަ 12 ސްކޫލަކުން ވަނީ ޓީޗަރުން ހޯދަން އިއުލާންކޮށްފަ އެވެ.

އެ ސްކޫލްތަކުން ވަނީ ޖުމްލަ 24 ޓީޗަރުން ހޯދަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ވޭޖު އުސޫލުން އެއް އަހަރު ދުވަހަަށް ވެސް ޓީޗަރުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. އަދި ދެވަނަ ޓާމު ކިޔެވުން ފަށާނީ އޮގަސްޓު 10 ގަ އެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނެ ދުވަސްތަކުގެ އަދަދު މަދުވާނެ އެވެ. ކުރިން 83 ދުވަސް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް ފަހުން ގެނައި ބަދަލާ އެކު ފުރަތަމަ ޓާމުގައި ކިޔަވައި ދޭނީ 81 ދުވަހުގަ އެވެ.

ދެވަނަ ޓާމުގައި ކިޔަވައި ދޭނީ 99 ދުވަހު އެވެ. މިއީ ކުރިން ނެރުނު ކަލަންޑަރުގައި ބުނެފައިވާ އަދަދަށް ވުރެ ދެ ދުވަހުގެ އިތުރުވުމެކެވެ.