ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ބެލުމަށް ހައިކޯޓުން ނިންމައިފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓައިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދިގެންނެވެ. އޭސީސީން އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދުނީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެންނެވެ. އޭސީސީން ވަނީ އެ ތަހުގީގުގެ ތެރެއިން އަކްރަމް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ.
ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމްގެ ފާހަަގަކުރައްވާފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް އަކްރަމް ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
އޭނާއަކީ މިހާރު ވެސް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސިޔާސީ ގޮތުން ޖަވާބުދާރީ ވަމުންދާ މީހެއް ކަމާއި މީގެ ކުރިން ވެސް ފިލައިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އަކްރަމްގެ ފަރާތުން އެދިފައި ވަނީ އެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ އެ އަމުރު ބާތިލުކޮށްދިނުމަށެވެ.
ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާގެ ވަނީ އަކްރަމް ހުށަހެޅުއްވި އެ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. ރަޖިސްޓްރާގެ އެ ނިންމުން އަކްރަމް ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް ހައި ކޯޓަށް އަކްރަމް ހުށަހެޅުއްވުމުން، މައްސަލަ ބެލުމަށް ނިންމީ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރެއްވުމުންނެވެ.
ދެން ބެންޗުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔުގައި ވިދާޅުވީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޝަނީޒް ވިދާޅުވީ އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރުނު ހާލަތާމެދު ބަހުސެއް އޮތް ނަމަ، އަމުރު ނެރުނު ދަށު ކޯޓުގައި މުރާޖައާ ކުރުމުގެ ފުރުސަތު އަކްރަމަށް އޮންނާނެ ކަމަށެވެ.
އެފަދަ އަމުރެއްގެ މައްސަލަ ހައިކޯޓަށް ބެލޭނީ ދަށު ކޯޓުގައި އެ އަމުރެއް މުރާޖައާކޮށް ގޮތެއް ނިންމުމަށްފަހު ކަމަށް ޝަނީޒް ވިދާޅުވި އެވެ.

ގުޅުންހުރި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ކުރިމަތިލައްވައިފި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅަައިފި
ކުއްޖަކު ފެންވަރަން ހުއްޓައި ވީޑިއޯ ކޮށްގެން 20 އަހަރަށް ޖަލަށްލި މީހަކު
އާބާދީގައި 10،000 ހަމަކުރީ އޮޅުވާލައިގެން ކަމަށްބުނެ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން
72 ކިލޯ ޑްރަގް އެތެރެކުރުމުގައި ބޮޑަކަށް ހުރި ކަމަށް ބުނާ އިރުފާން
ފޭސް ދޭކުން ގޯތި ދޫކުރީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް: އަކްރަމް