އޭޕްރިލް 16, 2025

ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު، ވެކޭޝަންސް އެކްސްޕޯ ފަށަން 4 ދުވަސް!

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ ފަށަން އެންމެ 4 ދުވަހަށް ކުޑަތަން ވެއްޖެ އެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިބޭ އެކްސްޕޯއެކެވެ. މިއީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލު އެކްސްޕޯ އެކެވެ.

އޭޕްރީލް 17 އިން 25 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ޕެކޭޖުތައް ލިބުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ޓްރެވަލް އެޖެންޓުންނާއި މާހިރުންގެ ކިބައިން ދަތުރުކުރުމަށް ބޭނުންވާ ގިނަ މައުލޫމާތުތައް ލިބިގެންދާނެ އެވެ. އެގޮތުން މިހާރުގެ ޓްރެވަލް ޓްރެންޑުތަކާއި ޗުއްޓީ ރޭވުމުގައި ބަލަންވީ އެންމެ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު އެކި ސްޓޯލްތަކުން ލިބެން ހުންނާނެ އެވެ.

މިފަހަރުގެ އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ސްޓޯލުތަކުން ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވޭ ލަކީޑްރޯތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ޖުމުލަ 40 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ 2025 ގައި އެއާލައިންތަކާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި އެ ދާއިރާގެ ޖަމިއްޔާތަކުން އަދި އެކި ގައުމުގެތަކުގެ ސަރުކާރުގެ އިދާރާތަކުންވެސް ބައިވެރިވާނެ އެވެ.

އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އަދި އިންޑޮނޭޝިއާގެ އެމްބަސީތަކުންނާއި މެލޭޝިއަން ޓޫރިޒަމް އިން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެ، ޒިޔާރާތްކުރާ ފަރާތްތަކަށް އެ ގައުމުތަކުގައި ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ އެންމެ މުހިންމު މައުލޫމާތުތައް ދޭނެ އެވެ.

އޭގެއިތުރުން، މިފަހަރުގެ އެކްސްޕޯގައި ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެލޭޝިއާ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކުންވެސް ބައިވެރިވާނެ އެވެ. އެގޮތުން ބެންކޮކު ހޮސްޕިޓަލާއި ޕްރިންސް ކޯޓު ހޮސްޕިޓަލުގެ ސްޓޯލުތަކުން އެ ތަންތަނަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ހާއްސަ މެޑިކަލް ޓޫރިޒަމް ޕެކޭޖުތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯއަށް އިތުރު ފުރިހަމަ ކަމެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ ވެކޭޝަންސް އެކްސްޕޯ އެންޑޯސްކޮށްފަ އެވެ.

Leave a Reply