މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން ދައުވާކޮށްފި

އެމްޑީޕީން މިދިޔަ މަހުގެ ތެރޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތަށް އަރައިގަނެއެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މާންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދައުވާކޮށްފި އެވެ.

އެ މުޒާހަރާގައި ވާހަކަދައްކަވަމުން މާންދީ ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްފެ ދަރިކަލުން އުމޭރު މުހައްމަދު މުއިއްޒު ވޭޕް ބޭނުން ކުރައްވާތީ ކަމަށެވެ.

މާންދީގެ އެ ވާހަކަތަކާ ގުޅިފެން މ. ދިމްޔާތުގައި ފަސްޓް ލޭޑީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވެފައިވަނީ އުމޭރު ދުވަހަކު ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުންކޮށްފައިނުވާ ކަމަށެވެ. މާންދީގެ އެ ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރަން ނިންމާފައިވާކަން ފަސްޓް ލޭޑީގެ ފަރާތުން އާޒިމާ ހާމަކުރެއްވިއެވެ.

އެފަހުން ރެހެންދި ޗެމްބާސްއިން މިދިޔަމަހުގެ 19 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. މާންދީގެ މައްޗަށް ދައުވާކުރީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ. އަދި އުމޭރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާތީ ކަމަށެވެ.

ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާންދީއާއި އެމްޑީޕީ އަދި ފައްޔާޒުއާ ދެކޮޅަށް ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ އެމްޑީޕީން ބޭއްވި އެއްވުމެއް ކަމަށް ވެފައި، އެކަން ހުއްޓުވުމަށް އެ ޕާޓީން މަސައްކަތްކޮށްފައި ނުވާތީ ކަމަށް ލޯ ފާމުން ބުންޏެވެ. އަދި ފައްޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވާއިރު، އެ ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވުމުގެ ސަބަބުން ކަމަށް ލޯ ފާމުން ބުންޏެވެ.