އޭޕްރިލް 21, 2025

ސަރުކާރުގެ މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ އާއި ފަޅުތަކެއް ދެނީ 

މި ސަރުކާރުންވަނީ ސަރުކާރުގެ މައި ޖަލާއި ކުށް ކުރާ ކުދިންގެ އިސްލާހީ މަރުކަޒު ނުވަތަ ’ހޯޕް އައިލެންޑް‘ އުތުރުތިލަފަޅުގައި ހެދުމަށް ނިންމައިފައެވެ.

ހޯމްލޭންޑް މިނިސްޓްރީން އެ ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިއްޔެކުރި އިއުލާނުގައި ބުނީ ހޯޕް އައިލެންޑް ގާއިމްކުރާ ރަށް ތަރައްގީ ކުރަން ތިން ގޮތަކަށް ޕްރޮޕޯސަލް ހުށަހެޅިދާނެ އެވެ.

އެ ތިން ގޮތަކީ:

  • ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގުން: ބަދަލުގެ ގޮތުގައި އިންވެސްޓަރަށް ދޭނީ ދ. ވާނީ އާއި އެ ރަށާ ގުޅިފައިވާ ފަޅު އަދި އިތުރު ދެ ފަޅެއް
  • ބިން ނުހިއްކާ ހަމައެކަނި އިމާރާތްތައް ހެދުން
  • ހައިބުރިޑް މޮޑެލް: ބިން ހިއްކުން ހިމެނޭ ގޮތުން އިމާރާތް ކުރުމުގެ އެއްބައި ހިންގުމުން ދެ ފަޅު ލިބޭ ގޮތް /ރަށް ހިއްކުމުގެ މޮޑެލް: އެ ރަށުގައި ތަރައްގީކުރާ ބައެއް ތަންތަން ހިންގައިގެން ފައިދާ ހޯދުމުގެ މޮޑެލް

މިނިސްޓްރީން ބުނީ ހޯޕް އައިލެންޑް ތަރައްގީކުރަން ޖެހޭނީ 700 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އޮކްޓޯބަރު 2027އަށް ނިންމަން ޖެހޭނެ ކަމަށެވެ.

ސަަރުކާރުގެ މައި ޖަލުގެ މަސައްކަތްކޮށްދޭ އިންވެސްޓަރަށް ބަދަލުގައި ފަޅުތަކެއް ލިބޭނެ ކަމަށް ހޯމްލޭންޑް ބުންޏެވެ. މައިޖަލު ހަދަންޖެހޭނީ 6،000 މީހުންގެ ޖާގައަށް ކަމަށް އިއުލާނުގައި ބުންޏެވެ. އެ ޖަލުގައި

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗާސްތައް ހުންނާނެވާނެ ކަމަށް އިއުލާނުގައި ބުންޏެވެ. އަދި ޖަލުގައި ގާއިމުކުރަންޖެހޭ އިމާރަތްތަކާއި ފެސިލިޓީސްތައް ވަނީ އިއުލާނުގައި ހިމަނައިފައެވެ. އޭގެ ތެރޭގައި ކަރެކްޝަންގެ ހެޑްކުއާޓާ ވެސް ހިމެނެ އެވެ. އަދި ރިމާންޑް ޖަލަކާއި ޕްރޯލަށް ދޫކުރާ ބައިތިއްބާނެ ހާއްސަ ތަނަކާއި ކޯޓް ފެސިލިޓީއެއް ވެސް ހިމެނެ އެވެ.

ޖަލުގެ މަސައްކަތް  އޮކްޓޯބަރު 2027އަށް ނިންމަން ޖެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އެ ދެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ނިޔަަލަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.