އޭޕްރިލް 22, 2025

3އޮން3 ފުޓްސެލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމްދު، ޓްރޮފީ ޕާޓްނަރަކަށް ލޭޔާ

ގޭމާސް ކްލަބް އޮފް މޯލްޑިވްސް އިން ބާއްވަން ތައްޔާރުވަމުން އަންނަ 3 އޮން ފުޓްސެލް ޗެލެންޖުގެ ދެ ޕާޓްނަރަކާއެކު ސޮއިކޮށްފި އެވެ.

އެގޮތުން އެ މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޒުވާން ފޮޓޯގްރާފަރު ހަމްދާން އަހުމަދު (ހަމްދު) އެވެ. އަދި ޓްރޮފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަމިއްލަ އުފެއްދުންތަކަށް އެއްޗެހި ތައްޔާރުކުރުމުގައި މަޝްހޫރު، ލޭޔާ އެވެ.

އެ ދެ ޕާޓްނަރުންނާއެކު ގޭމާސް ކްލަބުގެ ފަރާތުން ސޮއިކޮށްފައިވަނީ ކްލަބުގެ ނައިބު ރައީސް އަބްދުﷲ ފަވާޒެވެ.

ގޭމާސް ކްލަބުން ބުނީ، ޒުވާން މޮޅު ފްޓޯގްރާފަރެއްގެ ފޮޓޯތަކުން މުބާރާތުގެ ފުރިހަމަކަން ގެނެސްދޭނެ ކަމަށާއި މުބާރާތް ސަޕޯޓަރުންނަށް ގެނެސްދިނުމުގައި އިންމެ އިސް ދައުރެއް އަދާކުރާނެ ފަރާތަކީ ހަމްދު ކަމަށެވެ. އޭނާއަށް ކްލަބުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށްވެސް ކްލަބުން ބުންޏެވެ.

މުބާރާތުގެ ޓްރޮފީ ޕާޓްނަރަކަށް ހަމަޖެއްސި ލޭޔާ އަކީ ލޭޒާ އެންގްރޭވިން، ލޭޒާ ކަޓިން، ސަބްލިމޭޝަން، ކެންވަސް އަދި ސްޓިކާ ޕްރިންޓުގެ އިތުރުން ކަސްޓަމަރު ބޭނުންވާ ގޮތަކަށް ފިލާ އަދި ސައިން ބޯޑް ތައްޔާރުކޮށްދޭ ބައެކެވެ. އެއީ ދިވެހިންގެ މެދުގައި މަގުބޫލު ވިޔަފާރިއެކެވެ.

ގޭމާސް ކްލަބުން ބުނީ، ލޭޔާ އާއެކު މުބާރާތުގައި މުޅިންވެސް ފެނިގެންދާނީ އެ މީހުންގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. އަދި މުބާރާތުގައި ދިވެހި ވިޔަފާރިއަކުން ދިވެހިންގެ ހުނަރުވެރިކަން ދައްކާލުމަށް ފުރުސަތު ލިބުމަކީ މުބާރާތަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމެއް ކަމަށްވެސް ކްލަބުން ބުންޏެވެ.

މާލެ ސަރަހައްދުގެ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން 3 އޮން 3ގެ ވާދަވެރިކަން ގެނައުމުގެ މަގުސަދުގައި 3 އޮން 3 ފުޓްސެލް ޗެލެންޖުގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ބައިވެރިވާން ހުޅުވާލިތާ ހަފުތާއެއްގެ ތެރޭގައި މުބާރާތަށް ކަނޑައެޅި 32 ޖާގަ ވަނީ ފުލްވެފަ އެވެ. އަދިވެސް ގިނަ ކްލަބުތަކުން މުބާރާތުގައި ބައިވެރިވާން އެދެމުން އަންނަ ކަމަށްވެސް ގޭމާސް ކްލަބުން ބުނެ އެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް 3،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބީސްޓް ސްޕޯޓްސް އެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ރ. މަޑުއްވަރީގައި ހިންގާ ކްލިކް އަދި ކައިވެނީގެ ރަން ޕޭޖެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހަފްތާ އެވެ.