ޖެނެރަލް އިލެކްޓްރޯނިކްސް (ޖީއީ) ހެލްތްކެއާ އިން 2018 ގައި ރާއްޖޭގައި ދިރާސާއެއް ހެދި އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށެވެ. ހާއްސަކޮށް ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކީ ބިދޭސީންނެވެ.
އެ ދިރާސާ ވެގެންދިޔައީ ޖީއީ ހެލްތްކެއާ އާއި އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެ ގެނެސްދޭ އެސްޓީއޯ އާދެމެދު ރޭޑިއޯގްރާފަރުން ތަމްރީން ކުރުމަށް ކޯހެއް ހިންގުމަށް ނިންމުމެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށް، ދެ އަހަރުގެ ނަޒަރީ ތަމްރީނާއި ހަ މަސްދުވަހުގެ އަމަލީ ތަޖުރިބާ ހިމެނޭ އެ ކޯހުގެ މަގުސަދަކަށްވީ ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމާއި ހިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ފޯރުކޮށްދިނުމެވެ.
ކޯހުގެ މަޝްވަރާތަކަށްފަހު 2018 ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެގޮތުން އެ ކޯހަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، ދެ އަހަރުގެ ނަޒަރީ ތަމްރީނާއި ހަ މަސްދުވަހުގެ އަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ.
އެ ކޯސް ހިންގުމަށްޓަކައި، އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރާ އެސްޓީއޯ އިން އެ ކުންފުނީގެ ޓްރެއިނިން އިންސްޓިޓިއުޓް ގާއިމުކޮށް، 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި އެވެ. ހަމަ އެ އަހަރުގެ ފެބްރުވަރީ މަހު، ކޯހުގެ މުގައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ ހޯދި އެވެ.
ކޯސް ހިންގުމުގެ ހުއްދަ ލިބުމާ އެކު ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ހަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމި އެވެ.
އޭގެ އިތުރުން ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށް ނިންމައި 2022 ވަނަ އަހަރުގެ ޖުލައި މަހު ކޯސް ރަސްމީކޮށް އިއުލާންކޮށް ހުޅުވާލި އެވެ.
ކޯހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު، ޖުމުލަ 94 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅި އެވެ. ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެންޓްރެންސް އިމްތިހާނަކާއި އިންޓަވިއުތަކެއް ބޭއްވުމަށްފަހު، 25 ދަރިވަރުން ހޮވި އެވެ. އެ ދަރިވަރުންނާއެކު 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކޯހުގެ ފެށުން ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ކޯހަށް ހޮވުނު ދަރިވަރުންނާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރި އެވެ.
އަދި އެ އަހަރުގެ އޮކްޓޯބަރުގައި ދަރިވަރުންގެ ކިޔެވުން ފެށި އިރު، އެސްޓީއޯ އާއި ޖީއީ ހެލްތްކެއާގެ އުއްމީދުތައް ހަގީގަތަކަށް ވެގެންދިޔަ ދުވަހެވެ.
އެއާއެކު ދެން މަސައްކަތް ފެށީ ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަކުރުމަށް މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ މިލިޓަރީ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުން ހެދުމަށެވެ.
މި ކޯސް ނިމުނީ 2024 އޮގަސްޓްގައެވެ. އެއަށްފަހު އިންޓާންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމާ ކެއާ ޕްރޮގްރާމެއް ހިންގި އިރު، 2025 ފެބްރުވަރީގައި އިންޓާންޝިޕް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އިންޓާންޝިޕްގެ މުއްދަތުގައި ދަރިވަރުންގެ އިލްމީ ފެންވަރާއި ހޭލުންތެރިކަމުގެ މިންވަރު ރަނގަޅުކަން ކްލިނިކަލް ސުޕަވައިޒަރުން ތައުރީފު ކުރި ކަމަށެވެ. އެއީ ކޯހުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ހެއްކެއް ކަމަށްވެސް ބުންޏެވެ.
އެސްޓީއޯ އިން ބުނީ، ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކުރި އިރު، އެ ދާއިރާއިން ދެ ދަރިވަރަކު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމަށެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެއްކަން ފާހަގަކޮށް އެސްޓީއޯ އިން ބުނީ، އެ ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާ ކަމަށެވެ.
އަދި ދިވެހި މުޖުތަމައުއަށް މުހިންމު މިފަދަ މަޝްރޫއެއްގެ ތެރެއިން ގާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަހުރެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ބިނާކުރަނިވި ހިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
އިޒްރޭލުގެ ޖަންގަލީގައި އަލިފާން ރޯވެ ހަލުވިކަމާއެކު ފެތުރެނީ
ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރި ހަމައެކަނި ދިވެހި ބޭފުޅާ ވެސް އިސްތިއުފާ ދެއްވައިފި