ފަލަސްތީނުގެ ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅުނު 15 މީހަކު ޝަހީދުކޮށްލި ހާދިސާގައި އިޒްރޭލުން ހައްޔަރުކުރި ފަލަސްތީންގެ ޕެރަމެޑިކެއް މިނިވަންކޮށްފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ބުނެފިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސަކާއި ޔޫއެންގެ ކާރަކަށް އަދި ޣައްޒާގެ ސިވިލް ޑިފެންސްގެ ފަޔާ ޓްރަކަކަށް މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ހަމަލާ ދިނީ އެ ވެހިކަލްތަކުގައި ދަތުރުކޮށްފައި ދަނިކޮށެވެ.
އެ ހާދިސާގައި އަސަދު އަލް ނަސާސްރާ ގެއްލިގެން ހޯދަމުން އަންނަތާ ތިން ހަފުތާ ފަހުން އޭނާ ހައްޔަރުކޮށްފައި ހުރި ކަމުގެ މައުލޫމާތު އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އަށް އިޒްރޭލުން އެންގީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ ހާދިސާގައި ނަސާސްރާ އާއެކު އިތުރު ޕެރަމެޑިކެއްވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ މީގެ ކުރިން ވަނީ މިނިވަންކޮށްފަ އެވެ.
އެހީގެ ޓީމު ޝަހީދުކޮށްލުމަށް ފަހު އިޒްރޭލުން އެ މީހުންގެ ހަށިތައް ފޮރުވަން އެއްތަނެއްގައި ވަޅުލާފައި ހުއްޓާ ފެނިފައިވާއިރު އިޒްރޭލުން އޭރު ބުނީ ހަމަލާ ދިނީ ބޮކިތައް ނިއްވާލައިގެން އަދި އިމަޖެންސީ ސިގްނަލެއް ވެސް ނެތި ދަތުރުކުރި ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބި ވެހިކަލްތަކަކަށް ކަމަށެވެ.
ނަމަވެސް އެ ހަމަލާގައި ޝަހީދުވި މީހެއްގެ ފޯނުން ނަގާފައިވާ ވީޑިއޯއަކުން އިޒްރޭލުގެ އެ ދޮގު ވަނީ ފަޅާއަރައިފަ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އިޒްރޭލުން ރެޑް ކްރެސެންޓާއި އެހީގެ އެހެން ބައެއް ޖަމާއަތްތަކުގެ މެންބަރުންގެ ޓީމަށް ހަމަލާ ދިނީ އިމަޖެންސީ ވެހިކަލްތައް އެނގޭ ގޮތަށް ނަން ޖަހައި އަދި އިމަޖެންސީ ސިގްނަލްތަކާއި ބޮކިތައް ރަނގަޅަށް ދިއްލައިގެން ދަތުރު ކުރަމުން ދަނިކޮށެވެ.

ގުޅުންހުރި
ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ސިފައިން ގުޅިއްޖެ
ފިލިޕީންސްއަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމުގައި 8 މަރު, މިއަދުވެސް
މެކްސިކޯއަށް ބޯކޮށް ވާރޭވެހި 28 މަރު، އެތައް ބަޔަކު ގެއްލިއްޖެ
އެމެރިކާގެ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓްރީއެއް ގޮވައި 19 މީހަކު ”ގެއްލިއްޖެ“
ޖަޕާނުގެ ބޮޑުވަޒީރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް!