މެއި 10, 2025

 ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅެވޭނެ ސަރަހައްދުތައް އިތުރުކޮށްފި

ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅެވޭނެ ސަރަހައްދުތައް އިތުރުކޮށްފި އެވެ.

މިހާރު އޮންނަ ގޮތުންނަނަމަ ފުލުހުންގެ ހުއްދަނެތި އެއްވުން ބޭއްވެނީ ހަމައެކަނި ކާނިވަލުގަ އެވެ.

ނަމަވެސް ހޯމްލޭންޑް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ހުއްދަ ހޯދުމަކާ ނުލައި ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑުގައި ސުލްހަވެރި އެއްވުންތައް ބޭއްވޭނެ ކަމަށެވެ.

ޔާމީންގެ ދައުރުގައި ހެދި ގާނޫނުގެ ދަށުން ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހޯމް މިނިސްޓްރީއިން އަންގާ ތަނަކަށް އެކަންޏެވެ.

ނަމަވެސް ގާނޫނުއަސާސީގައި ބުނެފައިވާ މިންވަރަށް ކުރިން ހުއްދަ ހޯދުމަކައި ނުލައި އެއްވެ އުޅެވޭނެ ފުރުސަތު ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިހުތިޖާޖު ކުރެވޭ ތަންތަން އިތުރުކުރިއިރު ފާއިތުވި ހަފުތާއެއްހައި ދުވަހު މާލޭގައި ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

އެ ޒުވާނުން އިހުތިޖާޖުކުރަމުން އަންނަނީ މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށެވެ.

މި އިހުތިޖާޖުކުރަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމައްޗަށްވާހެން މަޖީދީ މަގުގަ އެވެ.