މެއި 10, 2025

މަޖީދީ މަގުގައި އެއްވުން ބާއްވާނަމަ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފި

ފުލުހުންގެ ހުއްދަ ހޯދުމެއްނެތި ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން އަދި އުސްފަސްގަނޑުގައި ސުލްހަވެރި އެއްވުންތައް ބޭއްވޭނެކަމަށް ކަނޑައަޅައިފައި ކަމަށާއި އެނޫން ތަންތަނުގައި އެއްވުންތައް ބާއްވާނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ހުއްދަ ހޯދުމަކާ ނުލައި ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑުގައި ސުލްހަވެރި އެއްވުންތައް ބޭއްވޭނެ ކަމަށެވެ.

އެ އިއުލާނަށް ފަހު ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖީދީ މަގުގައި މިހާރު ކުރިޔަށްގެންދާ އިހުތިޖާޖުގެ ސަބަބުން، އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސް އެޅި އިމަޖެންސީ ޚިދުމަތްތަކަށް ދަތިވަމުންދާ ކަމަށެވެ. އޭގެ އިތުރުން އެމަގުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިހީގެ އިތުރުން، ވިޔަފާރިތައް، އަދި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ގެ 24 ވަނަ މާއްދާގެ(ޅ) ގައި މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިވީ ނަމަވެސ،ް ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައ،ި ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީއިން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަން ބަޔާންކޮށްފައިވެއެވެ“ ފުލުހުން ބުންޏެވެ.

”އިއުލާނުގައި ކަނޑައަޅާފައިވާ ތަންތަންކަމުގައިވާ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އާއި އުސްފަސްގަނޑު ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި، އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ. އެގޮތުން، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަވެސް ދަންނަވަމެވެ“

ފުލުހުން ބުނީ ގާނޫނުގައިވާ ގޮތުގެ މަތީން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު، އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރު ކުރުމުގައި އެ ޚިދުމަތުން ދެމިތިބޭނެ ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބާއްވާ ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެ ފަދަ އެއްވުންތައް ބާއްވާ ސަރަހައްދުތަކުގެ މަގުތަކާއު އެއްވުން ނުވަތަ ހިނގާލުން ކުރިޔަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު  ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.