ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޓެކްސީތަކަށް ހަނި ގޯޅިތަކަށް ވަދެވޭނެ: އަމީން

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގައި ހިމެނޭ ޓެކްސީތަކަށް މާލޭގެ ހަނި ގޯޅިތަކަށް ވެސް ވަދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޓެކްސީ ހިދުމަތަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ  މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ބޭނުންވެފައި އޮތް މިންވަރުގެ ބޮޑު ކަމާއި ޓެކްސީ ނުލިބޭ މައްސަލައިގެ ޝަކުވާތައް ކަމަށެވެ. އެ ޝަކުވާތަށް މިނިސްޓްރީއަށް ރަސްމީކޮށް ލިބެމުންދާކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. އަމީން ވިދާޅުވީ މާލޭގެ އެތެރޭގެ ދަތުރުތަކަށް އެއްވެސް ގޮތަކަށް ޓެކްސީ ނުލިބުމުގެ ޝަކުވާ އެތަކެއް ފަހަރު މަތިން މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ލޭގެ މަގުތައް ހުރި ހާލަތަށް ބަލާއިރު، އެކި ސައިޒުގެ ޓެކްސީތައް ބޭނުންވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނުގައި އެކި ސައިޒުތަކުގެ ޓެކްސީ ހުންނާނެ ކަމަށެވެ. އެ ޓެކްސީތަކަށް  މާލޭގެ ވަރަށް ހަނި މަގުތަކަށް ވެސް ވަދެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

”އަދި ހުޅުމާލެއަށާއި އެއާޕޯޓަށް ވެސް ދަތުރު ކުރެވޭނެ ސައިޒުތައް ހިމެނިގެން ދާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.