ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިން ހަބަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން 250 މިލިއަން ރުފިޔާގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިސްނަގައިގެން ”މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)“ގެ ނަމުގައި ފެށި މަޝްރޫއުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ބީއެމްއެލް އިސްލާމިކް ބައިވެރިވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ބީއެމްއިލް 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ”މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)“ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް އަބުރުވެރިކަމާއި އިހުތިރާމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ފަހިވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ހަގީގީ ތަރައްގީއަށް ވާސިލުވުމަށް މުހިއްމު ކަމެއް ކަމަށެވެ.
”މިކަން ހަގީގަތަކަށް ހެދުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް. މިއަމާޒަށް ވާސިލުވުމަށް މަސައްކަތްކުރާއިރު ގައުމެއްގެ ތަރައްގީ ހަމައެކަނި މިންކުރެވެނީ އެގައުމެއްގެ އިގްތިސޯދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި، އިހުތިރާމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ހާސިލުވާ އަމާޒެއްކަން ގަބޫލުކުރަންޖެހޭ“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ޑިޖިޓަލް އިގްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ.
އަދި މޯލްޑިވްސް ފައިނޭންސް އިނިޝިއޭޓިވްއަކީ މާލީ ކަންކަމުގައި އެހެންގެ ބައިވެރިވުން އިތުރުކޮށް، ގައުމީ ތަރައްގީގެ ޕްލޭންގައި ހިމެނޭ މުހިއްމު ކަންކަން ހާސިލްކުރުމަށް ވެސް އެހީތެރިވެދޭނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި