ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އަލުން ގުޅިވަޑައިގެންފި އެވެ.
ގޭންގު ކުއްތަކާބެހޭ ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެކަން ހާމަ ކުރެއްވީ، އެ ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އެވެ.
މިއަދުގެ ބައްދަލުވުން ފައްޓަވަމުން އޭނާ ވިދާޅުވީ، ކޮމިޓީއަށް ގެނައި ބަދަލެއްގެ ގޮތުގައި، ފޭދޫ އުތުރު ދާއިރާގެ މެންބަރުގެ ބަދަލުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިދިޔަ އަންގާރަ ދުވަހު އެ ކޮމިޓީގައި ހިމެނީ، މަޖިލިސް ތަމްސީލު ކުރެއްވުމަށްޓަކައި ސެމިނާރެއްގައި ހުންނެވުމާ ގުޅިގެންކަމަށެވެ. އަދި އެއީ އެ މެންބަރު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީން ގެނައި ބަދަލެއް ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި އިސްމާއީލް ނިޒާރު އިންނެވީ އަލުން އަލުން ކޮމިޓީއާ ގުޅިވަޑައިގެންނެވުމަށްފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.
ހުސްނީ މުބާރުކް ވިދާޅުވީ، އެ ކަންކަން ކޮމިޓީ މެންބަރުންގެ މައުލޫމާތައްޓަކައި ދަންނަވާލަން ޖެހުނީ، އެ ބަދަލަކީ، ފަނޑިޔާރުން ވަކި ކުރުމުގައި ކޮމިޓީން ވަކި ގޮތަކަށް ކަންތައްކުރުމަށް ގެނައި ބަދަލެއްގެ ގޮތުގައި ފާހަގަކުރަމުންދާތީ ކަމަށްވެސް ވިދާޅުވިއެވެ.
”އެކަންމި ފާހަގަކުރީ، މީޑިއާގައި ތަފާތު ގޮތަކަށް ވަކި މަސައްކަތެއް ކުރުމަށްޓަކައި ގެނައި ބަދަލެއްގެ ގޮތުގައި އެކަން ތަސައްވުރު ކުރެވޭ ގޮތަކަށް އެ ހަބަރު ގޮއްސަ އޮތީމަ މި ބަދަލު މިހާރު ގެނެވިފައިވާތީ،“
ބައެއް މީޑިއާތަކުގައި އެކަން ފާހަގަ ކޮށްފައިވަނީ ކޮމިޓީއަށް އެ ބަދަލު ގެނައީ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ގެނައި ބަދަލެއްގެ ގޮތުގައެވެ.
ފޭދޫ އުތުރު ދާއިރާގެ އިސްމާއިލް ނިޒާރުގެ ބަދަލުގައި، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކޮމިޓީއަށް އައްޔަންކުރިކަން އިއުލާން ކުރެއްވީ އިއްޔެ ބޭއްވި ރައްޔތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ.
ނަމަވެސް އެ ބަދަލުގެނައި ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

ގުޅުންހުރި
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު