މެއި 10, 2025

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ ”ޕްރިމިއަމް ފޯ ގުޑް“ ގެ ދަށުން ތައާރަފުކޮށްފައިވާ، ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފި އެވެ.

އެލައިޑުން މިއަދު ބުނީ ”އެލައިޑް ކޮމިއުނިޓީ ފަންޑް“ އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް މިހާެރު ހުޅުވާލާފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

“ މިފުރުސަތަށް އެދި 10 ޖޫން 2025، 1600ގެ ކުރިން އީމެއިލް ((communityfund@allied.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.“ އެލައިޑުން ބުންޏެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިން ޕްރޮގްރާމްސް އަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ފާއިދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެލައިޑުން ބުންޏެވެ.

އެހެންކަމުން މިޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ބުންޏެވެ. މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު https://allied.mv/csr އިން ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

2018ވަނަ އަހަރު ލޯންޗްކޮށްފައިވާ ”ޕްރިމިއަމް ފޯ ގުޑް“އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެއއް ކަމަށާއި އެގޮތުން ޔޫ.އެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެލައިޑުން ބުންޏެވެ.