ރާއްޖޭއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަާ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.
އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށާއި އެޗްއެލްއެލް އާއެކު އަލަށް ގާއިމުކުރި ޕާޓްނާޝިޕްގެ މަގުސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއުއެޗްއޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާއި އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕާޓްނާޝިޕް ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށް ކަމަށާއި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއާ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެޗްއެލްއެލް އާއެކު ޕާޓްނާޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

4 Comments
ގުޅުންހުރި
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެސްޓީއޯ އިން ޕެޓްރޯލް ލީޓަރަކުން 48 ލާރި ހެޔޮކޮށްފި
އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ފަޒީނާ
ކާށީގެ އަގު ތިރިކުރަން ހޯލްސޭލަރުންނަށް އެސްޓީއޯ އިން ކާށި ގެެނެސްދެނީ
އިންޑިއާ އިން އިތުރު ކާށި ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށައިފި، ކިލޯއެއް