މެއި 10, 2025

މޯލްޑިވްސް 2.0 ރައީސް އިފްތިތާހުކޮށްދެއްވައިފި

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ”މޯލްޑިވްސް 2.0“ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހުޅުވި ބާސެލޯ ނަސަންދުރައިގައި މިހާރު ބާއްވަމުން އަންނަ ރަސްމިއްޔާތުގައި މޯލްޑިވްސް 2.0 އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.

”ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަށް އެއްބަސްވެވިގެންދާނެ [ސަމިޓުގައި]. މާތްﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ،“ އިހުސާން ވިދާޅުވި އެވެ.

”މޯލްޑިވްސް 2.0“ ބިނާކުރުރެވިފައިވާ އަސާސްތައް:

ދެފުށްފެނުމާއި ހާމަކަން އިތުރުކުރުން އަދި ކޮރަޕްޝަން ނައްތާލުން – ޑިޖިޓަލް ސިސްޓަމްތަކަކީ އޭގެ ފެށުމުގައިވެސް ކޮރަޕްޝަން ނައްތާލުމަށް ބާރުއަޅާ އަދި ހާމަކަން އިތުރުކޮށްދޭ ދެފުށްފެންނަ ޑިޖިޓަލް ފަރުމާކުރުންތަކެއްކަން ޔަގީންކުރުން.

ހުރިހާ ފަރާތްތަށް ޝާމިލުކުރުން – މުވާސަލާތީ ވަސީލަތްތަކާއި ތަރައްގީގެ ތަފާތުތަކާއެކުވެސް، އެއްވެސް ފަރުދެއް، ގިންތިއެއް، ރަށެއް ބާކީ ނުކޮށް އެންމެންނަށް ހިދުމަތްތަކަށް ވާސިލުވެވޭގޮތަށް ޑިޖިޓަލީ ފޯރުކޮށްދެވޭ ހިދުމަތްތައް ފަރުމާކުރެވިފައިވާކަން ކަށަވަރުކުރުން

ގުޅިގެން މަސައްކަތްކުރުން – ވަކިވަކި ނުވަތަ ’ސައިލޯޑް‘ ސިސްޓަމްތަކުގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގުޅާލެވިފައިވާ އިންޓައޮޕަރަބަލް ޑިޖިޓަލް ވިއުގަތަކުގެ އެހީގައި، ތަކުރާރުވާ މުއާމަލާތްތައް މަދުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭކަން ޔަގީންކުރުން.

ޚިދުމަތް ހޯދާފަރާތް އިސްކުރުން – ދައުލަތުން ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތަ

ކަކީ ޚިދުމަތް ހޯދާ ފަރާތުގެ ނަޒަރިއްޔާއިން، އެފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، އުމުރުގެ ކޮންމެ މަރުހާލާއެއްގައިވެސް ހޯދަންބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭގޮތަށް ’ސިޓިޒަން ސެންޓްރިކް’ކޮށް ފަރުމާކުރެވިފައިވާ އަދި އެއްފުރާޅުކުރެވިގެން ދޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.

ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން – ޒާތީ މަޢުލޫމާތު ހިމާޔަތްކޮށް، ލޮޅުންތަކުން އަރައިގަނެ އިތުބާރު ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ވެށްޓެއް ބިނާކުރުމަށްޓަކައި މަޢުލޫމާތާއި ޑޭޓާ، ޑިޖިޓަލް އުމްރާނި ވަސީލަތްތައް އަދި އައިޑެންޓީގެ ނިޒާމުތަކުގެ ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކުރެވޭގޮތަށް ތަރައްޤީގެ މަސައްކަތްތައް ފަރުމާކުރުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން.

ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން – ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެޖެންޑާގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު މިންކުރުމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން.

”މޯލްޑިވްސް 2.0“ އެ މައްޗަށް ބިނާވެފައިވާ ތަނބުތައް

ފުރަތަމަ ތަނބު: ފަހުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގައުމީ ޑިޖިޓަލް އައިޑީ ސިސްޓަމްއަކާއެކު ރައްކާތެރި ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުން

ދެވަނަ ތަނބު: މުއައްސަސާތަކުގެ މެދުގައި ރައްކާތެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމުތައް ނުވަތަ ފަސޭހަކަމާއެކު ޑޭޓާ އެއް ސިސްޓަމުން އަނެއް ސިސްޓަމަށް ފޮނުވޭނެ އެކްސްޗޭންޖް ލޭޔަރ ގާއިމުކުރުން

ތިންވަނަ ތަނބު: ދިފާއުވެ ރައްކާތެރިވެވޭނެ ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން

ހަތަރުވަނަ ތަނބު: ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ އަދި ހައްޤުތައް ރައްކާތެރިކޮށްދޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި އަމަލުކުރުން

ފަސްވަނަ ތަނބު: ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް އުމްރާނި ވަސީލަތްތައް، ސޮވަރިންގ ކަލައުޑް ހިމެނޭ ގޮތުގެ މަތިން ޤާއިމުކުރުން

ހަވަނަ ތަނބު: ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން ފަރުމާކުރެވޭ އަދި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުން

ހަތްވަނަ ތަނބު: މުޅި ދައުލަތް ތަމްސީލުވާހެން އެކި ދާއިރާތަކަށް ޑިޖިޓަލީ ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން. މީގެ ތެރޭގައި 2025 ވަނަ އަހަރު ސިއްޙީ، ތަޢުލީމީ އަދި ފައިނޭންސްގެ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތަކަށް އިސްކަން ދިނުން

އަށްވަނަ ތަނބު: އައި.ސީ.ޓީ ދާއިރާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކުރުމާއި އިޖާދީ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުން