ބައްސާމް ވިދާޅުވީ ހިޔާނާތްތެރިވި ކަމަށް ބުނާ ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާ ކަމަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް އޭނާ ހިޔާނާތްތެރި ނުވާ ކަމަށާއި އޭނާ ނެގި ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށް އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ރައްދުވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ދައުލަތުން، ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމަށް ހެކިހުރި ކަމަށް ބުނެ އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ބައްސާމުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅުއްވަމުން ވަކީލުން ވިދާޅުވީ ބައްސާމުގެ ފަރާތުން ގެންދަނީ މި ދައުވާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިންކާރު ކުރަމުން ކަމަށާއި ހިޔާނަތްތެރިވި ފައިސާ ކަމަށް ދައުލަތުން ފާހަގަކުރާ ފައިސާތަކަކީ ބައްސާމަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށެވެ.

ޝަރީއަތުން މިއަދު ވަނީ އެ މައްސަލައިގެ ހެކިވެރިއެއް ކަމަށްވާ އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒުގެ ހެކިބަސް ނަގައިފަ އެވެ. ހެކިބަހުގައި އޭނާ ވިދާޅުވީ އެފްއޭއެމްގެ ފައިސާގެ ކަންކަން ބަލަހައްޓަނީ ބައްސާމްއާއި އެކައުންޓް ޑިޕާޓްމެންޓުގެ އިސްވެރިޔާ ކަމަށްވާ މުހައްމަދު އަގީލް ކަމަށެވެ. ޖަވާޒު ވިދާޅުވީ އެފްއޭއެމްޗެ ޗެކުތަކާއި ވައުޗާތަކުގައި ސޮއިކުރަން ގެންނަނީ އަގީލް ކަމަށާއި މި މައްސަލައިގައި ހިމެނޭ ޗެކަށް ސޮއި ހޯދަން އެ ގެނައީ ވެސް އަގީލް ކަމަށެވެ. އާންމުކޮށް ގެންނަނީ ޑޮލަރު މާރުކުރުމުގެ ޗެކުތައް ކަމަށާއި ޑޮލަރު މާރުކުރުމުގެ ވަކި އުސޫލެއް ނޯންނާނެ ކަމަށެވެ.

ފީފާއިން، އެފްއޭއެމްއަށް ދޭ ފައިސާ އުސޫލާ ހިލާފަށް ހަރަދުކުރާކަން ފީފާއިން ވެސް ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށް ޖަވާޒު ވިދާޅުވިއެވެ.

އެއަށްފަހު ދިފާއުންކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖަވާޒް ވިދާޅުވީ ބައްސާމަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 3،000 ޑޮލަރު ދިނުމަށް ފާސްކޮށް އެ ފައިސާ 2018 ވަނަ އަހަރުގެ ތެރޭގައި ދޭން ފެށި ކަމަށެވެ. އެ ފައިސާ ދޫކުރާނީ މުސާރަ ޝީޓުގައި ހިމަނައިގެން ކަމަށާއި އެ ނޫން ގޮތަކަށް އެ ފައިސާ ދޫނުކުރާނެ ކަމަށެވެ.

ނަމަވެސް އެެ ފާސްކުރުމާ އެއްގޮތަށް ބައްސާމަށް އެ ފައިސާ ދޫކުރި ކަމެއް ޖަވާޒު ވިދާޅެއްނުވެ އެވެ.