މި ވެރިކަމުގައިވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވީ، ގާނޫނުއަސާސީ އިން ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިހާރު މި ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ.
”ފެހި ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،“ އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ މަރުހަލާއަށްވާއިރު، އެ ކޯޓުގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި ފަނޑިޔާރުން ކަމަށެވެ.
އެހެންކަމުން އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކަންތައްތައް ބަލަންޖެހޭނެ ކަމަށާއި މަވެސް އެކަންތައްތައް ކުރަންޖެހޭނީ ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިދާޅުވި އެވެ.
”މިހާރު އަޅުގަނޑުމެން ބަހުސް ކުރަމުންދާ ރިޕޯޓު، މިކަންތައްތަކަށް ބަލައިލާއިރު، އެކަންތައްތައް ހިނގާފައި ވަނީ މުޅިއަކުން އެ މަގުންނޭ ދެންނެވޭކަށް ނެތް. ޖޭއެސްސީއިން މައްސަލަ ބެލިއިރު ހުރިހާ މައްސަލައެއް ސިއްރު. އިއްޒަތްތެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރު،“ އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލަށް ތާއީދު ނުކުރަން ވަޒީރުން ވެސް