މެއި 24, 2025

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކުރަން ޖެހޭ: ހުތުބާ

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު ސާލިހު އަމަލުތައް ގިނަކޮށް اللهގެ ހަޒްރަތުގައި ދަރަޖަ މަޔިވެރިކުރަން މަސައްކަތްކުރަން ޖެހޭ  ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ اللهُ تَعَالَىގެ ހަޒްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް  ކަމަށާއި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ހުޔުބާގައި ބުންޏެވެ.

“ މުސްލިމުންނަށް މާތް الله ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައި ވާށެވެ! މި ފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ސާލިހު އަމަލުތައް ގިނަކޮށް މާތް اللهގެ ހަޒުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރާށެވެ. މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނެ އެވެ. اللهُ تَعَالَىގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު  އަމަލަކީ ޒިކުރުކުރުމެވެ. އެއީ މުއުމިނު އަޅާގެއަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާހިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެކެވެ. ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިތާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިންޏާއި ހިލަތަކުގެހޫނުން ރައްކައުތެރިކޮށްދޭނެ އެވެ. މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުއާ ލިބިގެންވާނެތެވެ. މާތް الله ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޒިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެ އެވެ” ހުތުބާގައި ބުންޏެވެ.

މި ދުވަސްތަކުގައި ކުރެވޭން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ.“އެކަލޭގެފާނު ހައްޖު މަހުގެ ނުވަ ވަނަ ދުވަހާއި، އާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.

މުސްލިމުންނަކީ، އެ މީހުންގެ އަމަލުތަކާއި، ވަގުތުތަކުގައި، މާތް اللهގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭން ޖެހޭ ބަޔެއް ކަމަށް ހުތުބާގައި ބުންޏެވެ. އަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު އަމަލަކީ މާތް اللهއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ އަމަލުތައް ކަމަށް ހުތުބާގައި ބުންޏެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށްދެއްވި ކަމަށް ހުތުބާގައި ބުންޏެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބި، އެ މީހުން ކުރާ އަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބޭ ކަމަށް ހުތުބާގައި ބުންޏެވެ. އެ މީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށްވެ، އެ މީހުންގެ ސުލޫކާއި އަހުލާގު ރިވެތި ސުލޫކުކަމުގައިވޭ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބުލިބުނު ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެމައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތް اللهގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ހިމެނޭ ކަމަށެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާން ފެށި ކަމަށް ހުތުބާގައި ބުންޏެވެ. މާތް اللهގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުނު ކަމަށް ހުތުބާގައި ބުންޏެވެ.

އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި، ނަސާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފަައި ކަމަށާއި އިސްލާމް ދީން އަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައި ކަމަށް ހުތުބާގައި ބުންޏެވެ.