ރާއްޖެއިން މި އަހަރު ހައްޖަށްދާ 1000 ހައްޖާޖީންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ހަވީރު ސައުދީ އަރަބިއްޔާއަށް ފުރައިފި އެވެ.
ސައުދިއާގެ ފްލައިޓެއްގައި މިއަދު ފުރީ 235 މީހުންނެވެ. އެ ހައްޖުވެރިން ފުރީ ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 3:14 ގައެވެ. އެ ފްލައިޓް ޖިއްދާގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިރޭ 8:49 ގަ އެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕް ފުރާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު އޮންނަ ފްލައިޓުން 257 ހައްޖުވެރިން ދަތުރުކުރާނެ އެވެ. އަދި ތިންވަނަ ފުލައިޓުން އަންނަ ބުރާސްފަތި ދުވަހު 250 ހައްޖުވެރިން ސައުދީއަށް ދާނެއިރު، އަންނަ ހުކުރު ދުވަހު އޮންނަ ފަހު ފްލައިޓުގައި 250 ހައްޖުވެރިން ސައުދީއަށް ދާނެ އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ފަހެކެވެ.
ރާއްޖެ އިން މި އަހަރު ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ އަލަށް ތައާރަފުކުރި މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތުގެ ދަށުންނެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭއިރު، ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.

ގުޅުންހުރި
ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު
ހައްޖުވެރިން ހައި ސްޕީޑް ރޭލުގައި މަދީނާއަށް، ބަހުގައި 8 ގަޑިއިރުން ކުރި
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު