މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ހައްޖު މޫސުމަށް ދިވެހި ހައްޖުވެރިން އިއްޔެ ވަނީ ފުރަން ފަށައިފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް ރާއްޖެ އިން މި އަހަރު ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ އަލަށް ތައާރަފުކުރި މައްކާ ރޫޓް އިނީޝިއޭޓިވް ހިދުމަތުގެ ދަށުންނެވެ. އެ ޕްރޮގްރާމްގެ ދަށުން އިއްޔެ ސައުދީއަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕަށް ފިނިފެންމަލުގެ މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ހައްޖުވެރިން އެއާޕޯޓުގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ރާއްޖެ ހިމެނިގެން ދިއުމަކީ ލިބުނު އުފަލަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މި ފަހަރުގެ ހައްޖު ދަތުރުވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ. ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށްވާނެ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ބޮޑަށް ހައްޖާޖީންނަށް އިންތިޒާމުތައް ފަހިވެގެން ދިޔުން ކަމަށެވެ.



