ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ

ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އެކަމަކީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ކަމަށެވެ.

”ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިއުލާން ކުރެއްވި ކަމަށްޓަކައި، އެ މަނިކުފާނަށް އިހުލާސްތެރިކަމާއެކު، މަރުހަބާއާއި ޝުކުރު ދަންނަވަން،“ ފަހުމީ ވިދާޅުވި އެވެ.

ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ވަނީ ކަރަންޓުގެ އަގަށް ގެނައި ބަދަލުވެސް އެ ޕޯސްޓާއެކު ހިއްސާކޮށްފައެވެ.

  • ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެ
  • ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެ
  • ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެ
  • ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެ
  • ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެ
  • ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެ
  • ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެ