ކަރަންޓަކީ އަބަދުވެސް ކެނޑޭ އެއްޗެއް، އެހެންވީމާ ކުއްލި މައްސަލަ ހުށަނޭޅޭނެ: ފަލާހު

ކަރަންޓަކީ އަބަދުވެސް ކެނޑޭ އެއްޗެއް ކަމަށާއި އެހެންކަމުން އިއްޔެ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަނޭޅޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ. އެ މައްސަލަ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި އެ ކުއްލި މައްސަލައާ ގުޅިގެން ފަލާހު ވިދާޅުވީ ކަރަންޓު ކެނޑުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަންވާނީ ސަރުކާރުގެ އިހުމާލުން އެފަދަ ކަމެއް ހިނގިކަމަށްވަންޏާ ކަމަށެވެ.

”އެހެންވީމާ ހަގީގަތުގައި މިފަދަ ހާދިސާތަކަކީ ގައުމެއްގެ ހައިސިއްޔަތުން، ރަށެއްގެ ހައިސިއްޔަތުން އަދި ގެއެއްގެ ހައިސިއްޔަތުން ވެސް ހިނގައިފާނެ ކަންކަން، މިއީކީ އަޅުގަނޑުމެން މިހައި މުހިންމު މަސައްކަތެއް ކުރާ ތަނަކަށް ކުއްލި މައްސަލައެއްގެ ގޮތުގައި ނޫނީ އެ ނޫން ވެސް ގޮތަކަށް ހުށަހަޅާ މައްސަލަތަކަކީ ހަގީގަތުގައި އެކަމުގައި ވެސް ކޮންމެވެސް ފައިދާއެއް މަންފާއެއް އޮތް ކަމަކަށް ވާންވާނެ،“ ފަލާހު ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އިއްޔެ ފަސްގަނޑިއިރަށް ކަރަންޓު ކެނޑުނުއިރު، ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ސްޓެލްކޯއިން ނުބުނެ އެވެ. ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.