އެޗްއައިވީ ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ

ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެއިޑްސް ޖައްސުވާ ހިޔުމަން އިމިޔުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި އެ މީހާގެ ވަނަވަރު އާންމު ކޮށްފި އެވެ.

އެ ބިދޭސީ މީހާ މަސައްކަތްކުރާ ފެކްޓްރީގައި އުޅޭ ދިވެއްސަކު ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އަންނަ 31 އަހަރުގެ ބަންގްލަދޭޝް ރާހުލް އަމީން ނަމަކަށް ކިޔާ މީހެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި ކަމަށްވެސް ބުނެފައިވެ އެވެ. ފެކްޓްރީގެ ނަމެއް ބުނެފައެއް ނުވެ އެވެ.

’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓު ހެދުމުންނެވެ. އަދި އޭނާ ފިލާފައިވަނީ، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ކުންފުނިން ނިންމައި މިދިޔަ މަހުގެ 26 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން ވިލިމާލޭގެ ފެރީއަށް އެރުމަށްފަހު ކަމެއްވެސް އެނގިފައިވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ މީހާ ރާއްޖެއިން ބޭރު ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 7478833 އަށް ގުޅުމަށްވެސް އެދިފައިވެ އެވެ.