ޖޫން 17, 2025

ސަލީމްގެ ނުސީދާ ފާޑުކިޔުން ޑރ. ވަހީދަށް: ކާޅަކީ އިހުލާސްތެރި އެއްޗެއް ނޫން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ވަހީދާ ގުޅުވައިގެން ސަލީމް ވާހަކަދެއްކެވީ ވެރިކަންތައް ނިމުނު ގޮތްތައް ފާހަގަކުރައްވަމުންނެވެ. އެގޮތުން ރައީސް ވަހީދުގެ ވެރިކަން ނިމިގެންދިޔައިރު، އެ މަނިކުފާނަށް އެމްޑީޕީގެ މެންބަރުން ”ކާޅު“ގެ ނަމުން މަހާތަބު ކުރަމުންދިޔަކަން ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ކާޅެއްގެ ނަމުން ގޮވާއިރު، ކާޅަކީ ކޮބައިކަން އެމްޑީޕީއަށް އަދި އެންމެންނަށްވެސް އެނގެންޖެހޭ ކަމަށެވެ. އޭގެ ފަހުން ނޫހުގެފާނުގެ ޒަމާނުގެ ވާހަކައެއް ސަލީމް ހިއްސާކުރެއްވިއެވެ.

”ނޫހުގެފާނުގެ ދުވަސްވަރުގައި ނާކޮޅަށް ހުރިހާ އެއްޗެހި އަރުވައިގެން ގޮސް، ދެން ކޮންމެއަކަސް ތޫފާނު ރަނގަޅުވެގެންދިޔަ ކަމަށް ހީކޮށް، ނާކޮޅު ބީހުނީމާ ދުނިޔެ އަމާންވިތޯ ބަލަން އެންމެ ފުރަތަމަ ފޮނުވާލި އެއްޗަކީ ކާޅު ކަމަށް ތާރީހުން ފެންނަން މި އޮޮންނަނީ. ކޮންމެ ގޮތެއްވިޔަސް، ކާޅު އެނބުރި ނައި. އެނބުރި ނައުމުން ދެން ފޮނުވީ ކޮތަރެއް. ކޮތަރު ފޮނުވީމާ ކޮތަރު އައީ ޒައިތޫނި ފަތްކޮޅެއް ހިފައިގެން. ދެން ނޫހުގެފާނަށް އެނގިވަޑައިގަތީ ދުނިޔެ އަމާންވެއްޖެކަން،“ އޭނާ ވިދާޅުވި އެވެ.

”ނާކޮޅުން ފައިބާވަޑައިގަންނަވައިގެން ދިޔައިރުގައި، ކާޅު މި އޮތީ މިނިމަސް ކާން. ކާޅު ގޯސް މިވީ، ހަރާންކޯރުވީ. ދެން އެ ހިސާބުން މާތްﷲ، ކާޅު އެއީ އިހުލާސްތެރި އެއްޗެއް ނޫން ގޮތުގައި ލެއްވެވި. އަނެއްހެން ބުނާ ނަމަ، އޮޅުކުރަން ވެސް އުނދަގޫ އެއްޗަކަށް ކާޅުވާނެ،“

ސަލީމް ވިދާޅުވީ ކޮންމެ ވެރިކަމެއް ވެސް ނިންމާލާފައިވަނީ ބޮޑެތި ބަދުނާމުތަކާއެކު ކަމަށާއި ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެފަދަ ބަދުނާމެއް އަޅުވަން މަސައްކަތްކުރިޔަސް، އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ.