ބޮޑުތަކުރުފާނުމަގުގައި ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް އާންމު ދަތުރުފަތުރާއި ޕަބްލިކް ޓަރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
އެ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ދުއްވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުމަކީ މަނާ ކަމެކެވެ. ނަމަވެެސް އެ ސަރަހައްދުގައި ޕާކުކުރުން މިހާރުވަނީ އާންމު ކަމަކަށްވެފަ އެވެ.



