އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް 4،000ރ. އަށް ބޮޑުކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެ މަނިކުފާނު ވައުދުފުޅުވެވަޑައިގެންނެވި ގޮތަށް ހާފިޒުންގެ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ދެގުނައަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

”ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެގުނައަށް ބޮޑު ކުރުމަށް މި ހަފުތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ހާފިޒުންނަށް ސަރުކާރުން މިހާރު މަހެއްގެ މައްޗަށް ދެނީ 2،000ރ ގެ އެލަވަންސެކެވެ.