ޖޫން 26, 2025

ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަނީ

ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަން މަލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ މިއަދު ޖަލްސާގައި އެގޮތަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. އާޒިމްގެ އެ ހުށަހެޅުމުގައި ވަނީ  ބޮޑެތި މަގުތައް ފިޔަވައި، އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހެދުމަށެވެ.

ވަކި ވަގުތުތަކެއްގައި ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަން ނިންމީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ހުށަހެޅުމުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

”ކުދިންތައް ކޮޓަރި ތަކުގެ ތެރޭގައި އެ ތިބެނީ ހަތަރުދަމު. އެ ގަޑިއަކީ އެހާ ޓްރެފިކް ހައި ގަޑިއެއް ވެސް ނޫން، އެހެން ނަމަވެސް ބައެއް މީހުން ވަރަށް ބާރަށް ސައިކަލު ދުއްވާ، އެހެންވެ ރައްކާތެރިވާނެ އެކަހަލަ މަގުތައް އެ ވަގުތަށް ބަންދު ކޮށްލެވުނީމަ. ކުދިންނަށް ރަކާތެރިކަން ލިބޭނެ އެހެން ހަދައިފިއްޔާ،“ އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އެ ހުށަހެޅުމާ ގުޅިގެން ވިލިމާލެ ދާއިރާގެ ކައުންސިލަރު ފާތިމަތު ނަހުލާ ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގައި ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ. ނަހުލާ ހުށަހެޅުއްވީ ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއް އެކަމަށް ކަނޑައެޅުމަށެވެ. ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ހުކުރު ދުވަހު ބަންދުކުރަން އެދޭ މަގުތައް އެ ދުވަހެއްގެ އެ ވަގުތަކަށް ބަންދުކުރަން ތާއީދުކުރައްވާ ކަމަށެވެ.

ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ ސައިފުގެ ވާހަކަތަކައް ތާއީދު ކުރައްވައިފަ އެވެ.  އަރީޝް ހުށަހެޅުއްވީ މަގު ބަންދުކުރާ ވަގުތު ފަތިހު 5:30 ގެ ބަދަލުގައި ހެނދުނު 6 އިން 9 އަށް ބަދަލު ކުރުމަށެވެ.

ކައުންސިލަރުންގެ މަޝްވަރާގެ އަލީގައި ސިޓި ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ.