ޖުލައި 4, 2025

ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް: ހުތުބާ

ރިބާއަކި މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނަުަތަނަވަސްކަމެއަގެ ތެރެއަށް ވައްޓާލާ އެއްޗެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުއާމަލާތުގެ ބަޔަށް ވެސް ވަނީ އިސްކަންދީފައި ކަމަށެވެ. އެހެންކަމުން އިންސާނާގެ ހަޔާތުގައި ދޭދޭފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށާއި މި ގޮތުން މާލީ މުއާމަލާތުތަކަކީ، އެ ކަމާ މެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

“މީގެ ކުރީން މަޖުބޫރު ހާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މި ވަނީ، މާތް ﷲގެ ރަހުމަތާއެކު، އިސްލާމީ އުސޫލުން ހިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް މި ލޮބުވެތި ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތައާރަފުވެފައެވެ.” ހުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުއާމަލާތުތަކެއް ވަނީ ހަރާމްކުރައްވައިފައި ކަމަށާއި އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމައު ސަލާމަތްކުރުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

“ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ. މީގެ އިތުރަށް، އެއީ އުހުރަވީ ހަޔާތުގައި ވެސް ވޭންދެނިވި އަޒާބާ ކުރިމަތިލާން ޖެހޭނޭ ކަމެކެވެ” ހުތުބާގައި ބުންޏެވެ.

ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ހަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ،ރިބާގެ މުއާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނުހެދުމަށް އަދި ތިމާ ހަލާލު ގޮތުގައި ހޯދާ ފައިސާ ރައްކާކުރެވެނީ ހަލާލު ގޮތުގައިތޯ ބަލަން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.