ސަރުކާރުން ފައިސާ ނުދޭތީ ގައިދީންނަށް ދޭ ހިދުމަތުގެ ފެންވަރު ދަށްވެއްޖެ: ކަރެކްޝަންސް

ސަރުކާރުން ޖަލުތައް ބަލަހައްޓަން ފައިސާ ނުދޭ ކަމަށާއި ސަރުކާރުން ދޭންޖެހޭ 30 މިލިއަން ރުފިޔާ އަދިވެސް ވަނީ ޕެންޑިންގައި ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ބުނެފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިސްކޯއިން ބުނީ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށެވެ. ޕްރިސްކޯއާ ކޭޓަރިން ކަންކަން ހަވާލުކުރަން ޖެހުނީ ވެސް ޖަލުތަކުގައި ތިބޭ މީހުންނަށް ގަވާއިދުން ކާން ދިނުމުގައި ދިމާވި މައްސަލަތަައް ހައްލުނުވުމުގެ ސަބަބުން ކަމަށް ޕްރިސްކޯއިން ބުންޏެވެ.

”އަނެއްކާ ޖަލު ކޮންޓްރޯލް ކުރުމަށް އެންމެ އުނދަގޫ ވާނެ ކަަމަކީ ބަނޑުހައިހޫނު ކަމާއި މި ކަހަލަ ކަންކަމުގެ ހަޅުތާލަކަށް ގޮސް ކާއެއްޗެހީގެ ޝަކުވާ ކުރުން.“ ޕްރިސްކޯއިން ބުންޏެވެ.

”މިއިން ކޮންމެ ޕާޓީއަކަށް ވެސް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލަ. ފިނޭންސް މިނިސްޓްރީން އެ މީހުންނަށް ފައިސާ، އެންމެ މަހެއްގެ ބިލެއްގެ ފައިސާ ނުލިބުނަސް ހަމަ އޮފިސަރުންނަށް ދޭން ޖެހޭ އައިޓަމްތަކަށް އެބަ އާދޭ ބަދަލު އަދި ގައިދީންނަށް ހިދުމަތް ދިނުމުގައި އެބަ ހުރި ކޮލިޓީ ދަށް ވެފައި،“

ޕްރިސްކޯއިން ބުނީ މި އަހަރުގެ ގާތްގަނޑަކަށް އޭޕްރިލް މަހާ ހަމައަށް އައި އިރުގައި އެއްވެސް ފައިސާއެއް ސަރުކާރުން ދީފައިނުވާ ކަމަށެވެ.

ޕްރިސްކޯއިން ބުނީ ގަވާއިދުން ގަޑިންގަޑިއަށް ކާން ނުދެވުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ، ކަރެކްޝަނުން ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޖަވާބުދާރީވާން ޖެހޭ ކަންކަން ކަމަށެވެ.