މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ދޫކުރަން، ގޯތި ލިބުނު މީހުންނާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ގާނޫނީގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާ މަޝްވަރާކުރަން ނިންމައިފިއެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަހައްދަށް ވަނީ ބަދަލު ގެނެސްފައެވެ. އެ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެ ފަރާތްތަކަށް ލިބޭ ޕްލޮޓްތައް ވެސް ކަނޑައެޅިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ޕްލޮޓް ކަނޑައަޅައި، އެ ފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރި އިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި އޭޖީ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމުލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށެވެ.
އެ މާއްދާގައި އެ ފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުތުކުރުމަށްފަހުގައެވެ.
ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، އެ އުސޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުން ލިބިފައިވާ 600 ހަ ސަތޭކަ އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަންޏެވެ.
މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ނުދެކޭ ކަމަށެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މެއި މަހުގެ 30 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެ ފަރާތްތަކަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އާ ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާ ގުޅޭ މާއްދާ އިސްލާހުކުރުމަށްޓަކައި އެ މިނިސްޓްރީއާ ގޯތި ހަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އިސްލާހުކުރެވިފައިވާ އާ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
ވަގު ގޯތި މައްސަލަ: ފަޒުލްއާއި ފަޒީލު ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅަައިފި
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގަށް 16 މީހަކު ވަނީ މައުލޫމާތު ހިއްސާކޮށްފި
ބިންވެެރިޔާ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލުނުކުރެވޭ: އެމްޑީޕީ
ފަޒުލް އަދި އޭނާގެ ބޭބެ ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު