މާލޭގެ މަގެއްގެ މަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނަކާއި އައްޑޫ މީދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.
އެ ދެ މީހުން ހައްޔަރުކުރީ އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު ކުށުގަ އެވެ.
ކްރިމިނަލް ކޯޓުގައިވާ އެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުން އެ މީހުން އަތުން ކަނޑިއާއި ވަޅިއާއި އޮޕަރޭޝަން ކުރާން ބޭނުންކުރާ ޒާތު ވަޅިއެއް ވަނީ ފެނިފަ އެވެ. ފުލުހުން ފެނުމުން އެ މީހުން އަތުގައި އޮތް ވަޅި ބިންމައްޗަށް ވައްޓާލި ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.



