އޯގަސްޓް 2, 2025

ނިޝާން އިއްޒުއްދީން އިއްޒަތް އިއްޔެ އެރުވި ސޯބިރު އަވަހާރަވެއްޖެ

ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ގ. ފިޔާތޮށިގެ، ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސޯބިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 7 ފެބްރުއަރީ 1973ގައެވެ. އޭނާ ވަނީ ދިވެހި ދައުލަތަށް 38 އަހަރު ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.

ސޯބިރަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި ހާރިޖީ ދާއިރާގައި ސޯބިރު ކުރައްވައިފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށްލެވެ އެވެ.

ސޯބިރު އަދާކުރެއްވި މަގާމުތައް:

  • ހެލްތު މިނިސްޓްރީގެ އިނގިރޭސި ކާތިބުކަން
  • މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ އިނގިރޭސި ސެކްރެޓެރީކަން
  • ޔުނައިޓެޑް ނޭޝަންސް ޑިވިޝަންގެ އިނގިރޭސި ސެކްރެޓެރީކަން
  • މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޞަން އޮތޯރިޓީގެ އެކައުންޓެންޓްކަން
  • ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީގެ ޕްލޭން އެކުލަވާލަން އުފެއްދެވި ”ނޭޝަނަލް ޕްލޭނިން އޭޖެންސީ“ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުކަން
  • ނޭޝަނަލް ޕްލޭނިން އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރުކަން
  • ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ވަކީލުކަން
  • ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސީނިއާ އަންޑަ ސެކްރެޓްރީކަން
  • ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓެޓިސްޓިކަލް ސާވިސަސްގެ ޑިރެކްޓަރުކަން
  • ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބުކަން
  • ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ނައިބުކަން
  • ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުކަން
  • އެމްޑަބްލިޔުއެސްސީގެ ފުރަތަމަ ޗެއާމަންކަން
  • ޓޫރިޒަމް މިނިސްޓަރުކަން
  • 24 ފެބްރުއަރީ 2000 އިން 27 ފެބްރުއަރީ 2005 އަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން
  • އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން
  • ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން
  • 2009 އިން 2012 އަށް މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާކަން
  • ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން
  • ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން

ސޯބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައްޔާއި ރާއްޖޭގެ އިގުތިސާދީ ދާއިރާއަށް ހާއްސަކޮށް، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ ދާއިރާތަކުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅުތަކާއި އަދި ބޭރުގެ ބައެއް ގައުމުތަކަށް ރާއްޖެއިން ކަނޑައެޅި ސަފީރު ކަމުގެ މަގާމުގައި ހުންނަވައިގެން، އެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކާއި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.