ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ޖަމީލް މޫސާ އަދި ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު މި ކޮމިޝަންގެ 27 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.
ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމް އަދާކުރައްވާފައިވެ އެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފަ އެވެ.
ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ޝަހީދު ވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފަ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ގުޅުންހުރި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!
ގުރުއާން ހިތުދަސްކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަވާނެ: ރައީސް