ކައުންސިލްތަކަށް ދޭ ފައިސާ ބޭނުމެއް ނުކުރޭ, މިދިޔަ އަހަރު ވެސް 1.4 ބިލިއަން ބާކީވި: ރައީސް

ރަށްރަށުގެ އެކި ކަންކަމަށް ހަރަދުކުރުމަށް ކައުންސިލްތަކަށް ބަޖެޓުން ދޫކުރާ ބްލޮކް ގްރާންޓްގެ ފައިސާ ބޭނުން ނުކުރާ ކަމަށާއި މިދިޔަ އަހަރު ހަރަދުނުކޮށް 1.4 ބިލިއަން ރުފިޔާ ކައުންސިލްތަކުގެ އެކްއުންޓްތަކުގައި އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ބްލޮކް ގުރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ ބޭނުންނުކޮށް ބަހައްޓާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ހޭދަ ނުކޮށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގެ އެކައުންޓްގައި ބާކީ ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ފައިސާއަކީ ރައްޔިތުންނަށް ހަރަދު ކުރުމަށް ދޫކުރާ ފައިސާ ކަމަށާއި މި ފައިސާ ހެޔޮގޮތުގައި ރައްޔިތުންނަށް ހަރަދު ކުރުމަކީ ކައުންސިލްތަކަށް ލާޒިމެއް ކަމަށެވެ. އަދި އެ ފައިސާ ހަރަދުނުކޮށް ބާކީ ކުރުމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

”މިއީ ބްލޮކް ގްރާންޓް. މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން މިދެނީ. އެހެންވީމާ އެ ފައިސާ ހަރަދު ކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން،“ ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުން ބަކީވާ ފައިސާ ބޭނުން ކޮށްގެން ތަޖުރިބާ ދަތުރުތައް ކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެ މަނިކުފާނު ވިދާޅުވީ، އެފަދަ ތަޖުރިބާ ދަތުރުތަކުގައި ދާ ގައުމުތަކަކީ ރާއްޖޭގެ ކައުންސިލް މާހައުލަށް ނުވަތަ ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް ތަޖުރިބާ ކުރެވޭނެ ފަދަ ގައުމުތަކެއް ނޫން ކަމަށެވެ

”ބާކީ ކޮށްގެން ވާ ފައިދާއެއް ނެތޭ. އެ އިންވެސްޓެއް ވެސް ކުރަނީކީ ނޫން ރައްޔިތުންނަށް ފައިދާވާ ގޮތަކަށް. ކަމަކަށް އިންވެސްޓް ކުރާ ނަމަވެސް ރަނގަޅު.“ ރައީސް ވިދާޅުވި އެވެ.