އޯގަސްޓް 14, 2025

ހިޔާ ފުލެޓް ލިބުމުން އަތުލި ސިފްކޯ ފުލެޓް އަލުން ދިނުމަށް ހުކުމްކޮށްފި

ސިފްކޯ ފްލެޓެއް ލިބިފައި ވަނިކޮށް ހިޔާ މަޝްރޫއުން ފްލެޓެއް ލިބި، އަދި ގޯއްޗެއް ވެސް ލިބުނު މީހެއްގެ އަތުން ނެގި ސިފްކޯ ފްލެޓް އެ މީހާ އާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިފްކޯ ފުލެޓުތައް ލިބޭ ސިފައިން ކަނޑައަޅާފައިވަނީ 2014 ވަނަ އަހަރުގަ އެވެ. އެފަހަރު ފުލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓު ވެސް ދައްކަން ވަނީ އަންގައިފަ އެވެ. އެގޮތުން އެ ފްލެޓްތައް ލިބޭ ސިފައިން ޑައުންޕޭމަންޓްގެ ގޮތުގައި 91،200ރ. ދައްކާފައިވާއިރު، އެ ފްލެޓްތައް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ސިފްކޯ ފްލެޓަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، އެ މީހަކަށް ނުވަތަ އެ މީހެއްގެ އަނބިން/ފިރި އަށް އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާ ނެތުން ހިމެނެ އެވެ.

ނަމަވެސް ސިފްކޯ ފުލެޓް ނުނިމި ލަސްވެގެންދާތީ އެ ފުލެޓް ލިބުނު ބައެއް ސިފައިން ވަނީ އެހެން ހައުސިން މަޝްރޫއުތަކަށް ކުރިމަތިލައިފަ އެވެ.

އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލެޓް ލިބުނު މީހުންނަށް ސިފްކޯ ފުލެޓް ނުދިނުމަށް އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ސިފްކޯ ފުލެޓަށް ވެސް ފައިސާ ދައްކަމުންނެވެ. ސިފްކޯ ފުލެޓަށް ފައިސާ ދެއްކިޔަސް ފުލެޓް ނުލިބޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެ ނިންމުން ބަދަލުނުކޮށް އޮތް މީހެއްގެ ދައުވާއާ މެދު އިއްޔެ ސިވިލް ކޯޓުން ވަނީ ގޮތް ނިންމައިފަ އެވެ.

މި މައްސަލައިގައި ދައުވާކުރި ފަރާތަށް ހިޔާ ފްލެޓުން އެޕާޓްމަންޓެއް ލިބުނީ ސިފްކޯއަށް މައުލޫމާތު ނުދީ އޮތުމުން ކަމަށް ވެސް، ސިފްކޯއިން ބުނެފައިވެއެވެ.

އިއްޔެ މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ، މައްސަލައިގައި ކަން ހިނގިގޮތަށް ބަލާލާއިރު ޝަރުތު ހަމަވޭތޯ ބެލޭނެ އެންމެ ފަހުގެ ތާރީޚަކީ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައި ފްލެޓްވެރިޔާއަށް އެކަން އަންގާ ތާރީޚު ކަމަށެވެ. އަލީ ވަހީދު ޑައުންޕޭމަންޓް ދައްކާފައިވާކަން ވެސް ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، ޝަރުތު ހަމަވުމުގެ މަރުހަލާ ނިމި، 2014 ވަނަ އަހަރުން ފެށިގެން އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށެވެ.

އެހެންވެ ސިފްކޯގެ ނިންމުން ގޯސްކަމަށް ނިންމަވައި، އަލީ ވަހީދާ ފްލެޓް ހަވާލުކުރަން އިއްޔެ ވަނީ ހުކުމްކުރައްވައިފައެވެ.