އޯގަސްޓް 14, 2025

ގޮއިދޫ ފަޅުގައި ރިސޯޓު ހެދުމަށް މި މަހު ބަޔަކާ ހަވާލުކުރަނީ

ބ. ގޮއިދޫ ފަޅު ތެރޭގައި ރިސޯޓު ހެދުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމާއެކު އެ ރަށުގެ ފަޅުގައި ރިސޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު އެ މަނިކުފާނު އިއުލާން ކުރެއްވީ 22 ސެޕްޓެމްބަރު 2023ގައެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ރަށަށް ވަޑައިގެން 12 ވައުދެއް ވެވަޑައިގެންފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

”އަޅުގަނޑު ވައުދުވެފައި އޮންނާނެ (ގޮއިދޫ) ފަޅު ތެރެއިން ރިސޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުން. އެކަން އަޅުގަނޑުމެން އިއުލާނުކޮށް ބަޔަކު ހޯދައި މިހާރު ބިޑް އެވޯޑުކޮށްފައި ވާނީ. ދެން މި މަސް ނިމުމުގެ ކުރީގައި އެ ރިސޯޓު ތަރައްގީ ކުރުމަށް ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައި،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޮއީދޫގައި އީކޯ ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.