ރައީސް ޑރ. މުހައްމަދު މުއިއްޒު، އާބާދީ ކިތަންމެ ކުޑަ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވާނެ ކަމަށާއި ހަމަހަމަކަމާ އެކު ހިދުމަތް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، 500 އިން ދަށުގެ އާބާދީއެއް އޮންނަ ބ. މާޅޮހަށް ރައީސް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަށް ކަންކަން ކޮށްދެއްވުން ކަމަށެވެ.
”އަޅުގަނޑުމެން މި ވިސްނަނީ ކުރިން އިސްކަން ނުދެވި ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާބީ ކިތަންމެ ކުޑަވިޔަސް އަޅުގަނޑަށް ކޮންމެ ދިވެވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަ ކަމާއެކު ކަންކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާޅޮހުގައި ކުރިއަށްދާ މަސައްކަތްތަކާއި ކުރިއަށް ހުރި މަސައްކަތްތަކުގެ ތަފްސީލްތައް ދެއްވުމަށް ފަހުގަ އެވެ. އެ ރަށުގައި މިއަދު ޕޮލިސް ޕޯސްޓެއްގެ ބިންގާ އަޅާފައި ވާއިރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ހަވާލުކޮށްފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ބެހެއްޓި އޭޓީއެމްތަކުގެ ހިދުމަތް ވެސް ފައްޓަވައިދެއްވާފައި ވާއިރު މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ރައީސް ވިދާޅުވި އެވެ. ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ފަށާފައި ވާއިރު މިއީ ފައިސާ ނެގުމަށް ބޮޑު ހަރަދެއް ކޮށްގެން ކުރަން ޖެހޭ ދަތުރުތަކަށް ނިމުން ގެނުވާނެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
ބ. އަތޮޅުގެ ރަށްރަށުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި އަދި އަލަށް އެކި މަޝްރޫއުތައް ފެށި މި ދަތުރުފުޅުގައި ރައީސް ވަނީ 13 ރަށަކަށް ވަޑައިގެންފަ އެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް