ރާބޮއެގެން ސައިކަލް ދުއްވަން ދަސްކޮށްދިން މީހަކަށް 40 އެތިފަހަރުން ހައްދު ޖަހައި، 3،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމް ކޮށްފައިވަނީ މއ. އަޅިގެ މުހައްމަދު ހުސައިންގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށްކުރި ދައުވާގައި ވަނީ މުހައްމަދު ހުސެއިން، ހުޅުމާލޭގައި އެލްބޯޑު ނުޖަހައި ސައިކަލް ދުއްވަން ދަސްކޮށްދެނިކޮށް، ފުލުހުންނަށް ފެނިގެން އޭނާ ހުއްޓުވި ކަމަށެވެ. އެކަމާބެހޭ މައުލޫމާތު ފުލުހުން ސާފުކުރިއިރު، އޭނާ ބަނގުރާ ބޮއެގެން ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް މައްސަލަ ތަހުގީގުކުރުމުން، މަސްތުވުމަށް ބަނގުރާ ބޭނުންކުރާކަމަށްބުނެ އޭނާ އިއުތިރާފްވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި މުހައްމަދު ހުސެއިން ވަނީ އޭނާގެ މައްޗަށް ކުރި ބަނގުރާ ބުއިމުގެ ކުށަށް އިއުތިރާފްވެފައެވެ. އަދި އިއުތިރާފްގެ އެއްބަސްވުން ހަދައި، މައްސަލަ އަވަހަށް ނިންމައިދިނުމަށްވެސް އޭނާ އެދުނެވެ.
އެހެންކަމުން، ބަނގުރާ ބުއިމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި، 40 އެތިފަހަރުން ޖަލްދު ކުރުމާއެކު 3،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެއިތުރުން، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވެސް ކޯޓުން ވަނީ މުހައްމަދު ހުސެއިންގެ މައްޗަށް އަމުރުކޮށްފައެވެ.




ގުޅުންހުރި
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ