އޯގަސްޓް 18, 2025

ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާ އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ނިންމައިފި އެވެ.

ތޯހާގެ ނަމުގެ އިތުރުން ރައީސް މުއިއްޒު ދެން މަޖިލީހަށް ފޮނުއްވީ މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށްފަ އެވެ.

ތޯހާއާ އިންޓަވިއު ކުރަމުން ކޮމިޓީގެ މެންބަރުން ބައެއް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމް ފުރުއްވި ތޯހާއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކަށް ރިއާޔަތްކޮށް ސުވާލު ކޮށްފަ އެވެ. އެގޮތުން ތޯހާ، އަނބިމީހާއަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތާ ގުޅިގެން ސުވާލުކޮށްފަ އެވެ.

އޭރު މައުލޫމާތު ފެތުރު ގޮތުން ނަމަ ތޯހާގެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުންނެވެ.

އެކަމާ ގުޅޭގޮތުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ، އޭނާ އަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެެވެ. އަދި އޭނާ އެފަދަ ތުހުމަތެއްގައި އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާނެ ކަމަށެވެ.

ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވެސް އިވިވަޑައިގެންނެވި ކަމަށާއި ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށާއި އެ އާއިލާއާ މިހާރު ވެސް ގުޅުން ރަނގަޅު ކަމަށް ތޯހާ ވިދާޅުވި އެވެ.

ތޯހާ އެމްއެންޑީއެފްގައި މަސައްކަތް ކުރިއިރު ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ. އެކަމާ ގުޅިގެން ތޯހާ ވިދާޅުވީ

އޭނާ ސިފައިންގެ އިން ވަކިވެވަޑައިގަތީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ކުންފުންޏަކުން ލިބުނު ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް ތީޯހާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ތޯހާއާ ކުރި ސުވާލުތަކަށް ވެސް އޭނާއަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނެވެ.