ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އެ މަގުގެ އެއްބައިގެ އެއްފަޅި ބަންދުކުރަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މާދަމާ އިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށެވެ.
އަދި ބާރުބޮޑުވާ ހާލަތްތަކުގައި ހުސެއިނީ ގޯޅިން ގެށިގެން ގޮސް އެމްއެމްއޭ ކުރިމައްޗަށް ޓްރެފިކް ބަންދުކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފަޅުގެ ބައެއްގެ ގޮތުގައި ބަންދުކުރަން ހަމަޖެހިފައިވަނީ އެމްއެމްއޭ ކުރިމައްޗަށްވާ ގޮތަށް އޮންނަ ފަޅެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދިފަ އެވެ.



