އޯގަސްޓް 19, 2025

މީޑިއާގެ ބިލުގައި ދިފާއުގައި ހައްނާން ދީނީ ކާޑު ނަންގަވައިފި

ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ދިފާއުގައި އެ ބިލް ހުށަހެޅުއްވިތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އަބޫބަކުރު ދީނީ ކާޑު ނަންގަވައިފި އެވެ.

އެ ބިލަށް ވާހަކަދަައްކަވަމުން ހައްނާން ވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ނުބައިކަމުގެ ވާހަކަ ވިދާޅުވެއްދެއްވައިފަ އެވެ.

”އިސްލާމް ދީން ގަބޫލު ކުރާ ގޮތުގައި ފާޅު ކުރާ ކޮންމެ ހިޔާލެއް ނުވަތަ ހަބަރެއް ވާންޖެހޭނީ ތެދު ހަބަރަކަށް. އެއީ އޭގެ ސަބަބުން ހިތްދަތިވެ މާޔޫސްވާންޖެހޭ ފަދަ ކަމެއް ހިނގައިފާނެތީ،“ ހަންނާނު ވިދާޅުވި އެވެ. ”އިސްލާމް ދީން ގަބޫލު ކުރާ ގޮތުގައި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވާންޖެހޭ.“ ހައްނާން ވިދާޅުވި އެވެ.

ސަރުކާރުންވަނީ އެ ބިލަށް ތާއީދުކުރަން ހާމަކޮށްފަ އެވެ.

އެ ބިލުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.