ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަށް ގަވާއިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ އެ މަސްބޯޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި ބޯޓު ހިފެހެއްޓިއިރު ބޯޓުގައި ހަ މީހުން ތިބި ކަމަށެވެ.
އެއީ އެ ބޯޓު އަތުލައިގަތީ ކ. ދިއްފުއްޓާ ދިމާ އިރުމަތިން ކަމަށާއި ސްރީ ލަންކާގެ މަސް ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަން ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.



