އޯގަސްޓް 23, 2025

ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް 18 މަހުގެ ޓެކްސް ލުޔެއް ނުވަތަ 18 މިލިއަން ޑޮލަރު

ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި، ވިލާ އެއާއަށް 18 މަސް ދުވަހުގެ ޓެކްސް ލުޔެއް ދިނުމަށް ނުވަތަ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދެއްކުމަށް ރައީސް އޮފީހުން ހުށަހަޅާފައިވާ ކަމަށް، ވިލާ ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ހާމަކުރައްވައިފި އެވެ.

ގާސިމް އެކަން ހާމަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ޔާމީން ވިދާޅުވީ، ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ގާސިމަށް ”ތަރިކަ މުދާގަނޑެއް“ ގޮތަށް ދީފައި އޮންނަ ފަދަ ތަނެއް ކަމަށެވެ.

”އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ. މިއަދު ކިހިނެއްތޯ މިވީ؟ ހިންގަން އުޅެއުޅެ ނުހިންގިގެން އެންމެ ފަހުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ،“ ޔާމީން ވަނީ ގާސިމަށް އަމާޒުކޮށް ރޭ ވިދާޅުވެފަ އެވެ.
އަދި ޔާމީން ވަނީ އެއާޕޯޓާ ގުޅިގެން ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގެއްލުންތަކަށް އަލިއަޅުވާލައްވާފަ އެވެ.

”ތިރީސް މިލިއަން ޑޮލަރު. ކުޑަ އަދަދެއް ނޫން. ދައްކަން ހުރި ޓެކްސް ފައިސާ މައާފުކޮށްފައި ސަރުކާރުން އެ އެއާޕޯޓު ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައްތޯ މިއީ؟“ ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، ގާސިމް މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއް އާއްމުކުރައްވާފަ އެވެ. މި ސިޓީގައި ވަނީ އެއާޕޯޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ދެ ގޮތް ހިމަނާފަ އެވެ.

މިގޮތުން، އެއާޕޯޓް އަނބުރާ ހޯދުމަށް ވިލާ އެއާއަށް 18 މިލިއަން ޑޮލަރު ދެއްކުމަށް ނުވަތަ ވިލާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހުގެ އެޖަސްޓްމަންޓެއް ހެދުމަށް ރައީސް އޮފީހުން ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް، ކާޑެއްދޫ އެއާޕޯޓް އަނބުރާ ހޯދުމުގެ މަޝްވަރާތަކުގައި ވިލާ ކުންފުނިން އެދެނީ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރެވެ. މި މައްސަލައާ ގުޅޭގޮތުން އާންސްޓް އެންޑް ޔަންގްގެ އަންދާޒާއިން އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށް ދައްކަ އެވެ. މީގެ އިތުރުން، އެއާޕޯޓު ތަރައްގީކުރުން ޖާމިނުކޮށް ދައުލަތުން ވިލާ އެއާއަށް އދ. އަތޮޅުން ދޫކުރި ދެ ފަޅުރަށުގެ އަގަކީ 15 މިލިއަން ޑޮލަރު ކަމަށް ވާތީ، މިއީ ޖުމްލަ 33.5 މިލިއަން ޑޮލަރަށް އަރާ މުއާމަލާތެކެވެ.