އޯގަސްޓް 25, 2025

ދައުލަތަށް 42 އަހަރު ހިދުމަތް ކުރެއްވި އުތީމު އާދަމްބެއަށް ނިޝާން ދިޔަމިގިލީގެ ޝަރަފު!

ދައުލަތުން ދޭ ނިޝާން ދިޔަމިގިލީ ޝަރަފު (ނ.ދ.ޝ.އ)ގެ އިއްޒަތް ހއ. އުތީމު، އަލިމަސްގެ، އާދަމް އަބްދުއްރަހުމާން ނުވަތަ މަޝްހޫރު ނަމުން ނަމަ އުތީމު އާދަމްބެއަށް މިއަދު އަރުވައިފި އެވެ.

އުތީމު އާދަމްބެއަށް އެ އިއްޒަތް އެރުވީ، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ. އޭނާއަށް ޝަރަފު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ. އޭނާ ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިން ފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފަ އެވެ.

އާދަމް ޢަބްދުއްރަޙްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ހާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. ހާއްސަ ގޮތެއްގައި 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ހައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އުތީމުން އެއްވެސް މީހަކު، ”ބަނޑަށް މަރުނުވެ“ ފުރާނަ ސަލާމަތްކުރެވުނުކަން ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ހިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމްބެ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެ ގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ހިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔަ އެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމްބެ ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވި އެވެ. އެ މަގާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަންވެސް އޭނާ އަދާކުރެއްވި އެވެ.

އާދަމްބެއަކީ ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެވެ. އެގޮތުން އޭނާއަކީ މޮޅު ލިޔުންތެރިއެއް، އަދީބެއް، ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ އިތުރުން ޅެންވެރިއެކެވެ.

ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާ އިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމްބެއަށް ލިބިވަޑައިގެންނެވި އިރު އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ.