މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލަން އެެދި 151 ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލު ވަނީ ބަލައިގެންފަ އެވެ. އެ ބިލުގައި ހުރި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އެ ބިލު މަޖިލީހުން ބޭރުކޮށްލަން އެދި ހުށަހެޅި އެ ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ 40 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިއެކެވެ.
ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނުގައި ބުނީ، އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތަށް މީޑިއާގެ ރެގިއުލޭޓްރީ ނިޒާމު އިންތިޒާމުވުމަކީ ރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އެތައް ދަރަޖައެއް ފަހަތަށް ދާނެ ކަމެއް ކަމަށެވެ. އަދި އެ ބިލު ފަރުމާކޮށްފައިވަނީ ނޫސްވެރިންނާއި އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށްވެސް ބުނެފައިވެ އެވެ.
ޕެޓިޝަންގައި ބުނީ ބިލު ފަރުމާކުރީ ބޭރުގެ ބޭރުގެ ބައެއް ގައުމުތަކުގެ ބްރޯޑްކާސްޓިން ގާނޫނުތަކެއް ނަމޫނާއަކަށް ބަލައިގެން ކަމަށްވާތީ، ނޫސްވެރިކަމުގެ ދާއިރާގެ އަސާސީ ހައްގުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށާއި ބިލު ޑްރާފްޓް ކުރުމުގައި ނަމޫނާއަކަށް ނެގި ގައުމުތަކުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ ބެލެހެއްޓުމަށް ސެލްފް ރެގިއުލޭޓަރީ ބޮޑީތައް އޮންނަ ކަމަށެވެ.
އަދި ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ޒިންމާ އިންތިހާއަށް ހަނިކޮށް، ވަކި ބަޔަކަށް ނޫސްވެރިންގެ މަސައްކަތްތަކަށް ބާރު ފޯރުވެވޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސް ދިނުމަށް ނޫސްވެރިންނަަށް ދަތިވެ، ނޫސްވެރިކަން ކުރުމަށް އުނދަގޫ މާހައުލެއް އުފެދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ބިލުގެ ދަށުން އަލަށް އުފައްދާ ކޮމިޝަނުން މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ލައިސަންސް ހިފެެހެއްޓުމުގެ ބާރު ދީފައި އޮތުމުގެ ސަބަބުން މީޑިއާތަކަށް ޓާގެޓްކޮށް ވަކި މުއްދަތެއް ނެތް ގޮތަށް މީޑިއާ އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ ފުރުސަތު ވެސް އެ ބިލުން ނޫސްވެރިންނަށް ހަނިވާނެ ކަމަށް ޕެޓިޝަންގައިވެ އެވެ.
ޕެޓިޝަންގައި އިތުރަށް ބުނީ، ރާއްޖޭގައި މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު ހިންގާނެ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުކުރުމަކީ މީޑިއާގެ މިނިވަންކަން ގެއްލޭނެ ކަމެއް ކަމަށާއި އެ ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން އެ ހައްގުތަކާއި ގުޅިފައިވާ އެތައް މަދަނީ އަދި ސިޔާސީ ހައްގަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.

2 Comments
ގުޅުންހުރި
އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވި ހިސާބުން: ހުތުބާ
އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު: